ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މާލެވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ ގެ ދަޢުވަތަކަށް އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސް.ސީ.އޯ. ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.
އަދި މި ދަތުރުފުޅުގައި ރައީސް ވަނީ ޗައިނާގެ ރައީސް، ހިޒް އެކްސަލަންސީ ޝީ ޖިންޕިންގ އާވެސް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.
މި ސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފައެވެ.
މިދަތުރުފުޅުގައި، ޤައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ ގޮތުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާބެހޭ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުަގައި ވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ، ރައީސް މުޢިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅެވެ. އަދި، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.



