މާލެ އިސްރަށްވެހިންގެ ނާދީގައި ކޮގްނިޓިވް ސްޓިމިއުލޭޝަން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މި ހަަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ އިސްރަށްވެހިންގެ ނާދީއާއި އަލްޒައިމާރސް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެން ކަމަށެވެ.
މި ހަރަކާތުގައި ވަނީ އެކި އުމުރުފުރައިގެ މީހުން ބައިވެރިވެ ގުޅިގެން ތަފާތު ކުޅިވަރު ކުޅުމާއި ވާހަކަ ކިޔާދިނުން ފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މިނިސްޓްރީން ބުނީ މި ހަރަކާތްތައް ކުރިޔަށް ގެންގޮސްފައި ވަނީ ޤައުމީ މާމަކާފަ ދުވަހާއި، ދުނިޔޭގެ އަލްޒައިމާރސް މަސް ފެށުމާއި ގުޅުވައިގެން ކަމަށެވެ.
މިގޮތުން މި ހަރަކާތުގައި އިސްރަށްވެހިންގެ ނާދީ މެންބަރުންނާއި، މެންބަރުންގެ މާމަކާފަ ކުދިން ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
އާއިލީ ތަަރައްޤީއާ ބެހޭ މިނިސްޓްރީން ބުނީ މިފަދަ ހަރަކާތްތަކުގެ ސަބަބުން، ޖީލުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން މީހާ ދުޅަހެޔޮކޮށް ބެހެއްޓުމަށް މަގުފަހިވެގެންދާ ކަމަށެވެ.



