އިމިގްރޭޝަންގެ ޚިދުމަތްތައް ހޯދުމުގައި އާންމުކޮށް އޮޅުންއަރާ ކަންކަން އޮޅުންފިލުވައިދިނުމުގެ ބޭނުމުގައި ”އިމިގްރޭޝަން އިންސައިޓްސް“ ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާޙުކޮށްފިއެވެ.
މިކަންހާމަކޮށްފައި ވަނީ މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ، ރޭ އޮތް ޚާއްޞަ ޖަލްސާއެއްގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާން ކަމަށެވެ.
އެ ޕްރޮގްރާމްގެ މަޤްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުން ކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މީގެ އިތުރުން އިމިގްރޭޝަނުން ބުނީ މި ޕްރޮގްރާމުގެ އެޕިސޯޑުތައް މި ސެޕްޓެމްބަރު މަހު ފެނިގެންދާނެ ކަމަށެވެ.
އިމިގްރޭޝަންގެ އޮފިސަރުންނާ ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށް ރޭ ވަނީ ޖަލްސާއެއް ބާއްވާފައެވެ.
އެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިޙްސާން ވަނީ އިމިގްރޭޝަން އޮފިސަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން އެ އޮފިސަރުންނާ ޚިޔާލު ބަދަލުކުރައްވާފައެވެ.




