ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ބައެއް ކަމަށާއި ހައިވަކަރު ގަސްތަކަކީ ތިމާވެށީގެ ގޮތުންނާއި އިޤްތިޞާދީ ގޮތުންވެސް ފައިދާހުރި ގަސްތަކެއް ކަމަށެވެ.
”ގަސް އިންދުމުގެ މި މަޝްރޫޢުއަކީ ރާއްޖޭގެ ރަށްތަކަށް ފެހިކަން ގެނެސްދީ، ޖައްވަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް އަމާޒުކޮށްފައިވާ މަސައްކަތެއް އެމްޓީސީސީގެ އެހީތެރިކަމާއެކު މި މަސައްކަތް ކުރިއަށްގެންދިއުމަކީ، ގިނަ އަތޮޅުތަކެއްގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ފައިދާ ލިބިގެންދާނެ ކަމެއް“ މިނިސްޓްރީން ބުނެފައި ވެއެވެ.
މީގެ އިތުރުން މިކަމުގެ ސަބަބުން ރަށްތަކުގެ ފެހިކަން އިތުރުވެ، ރީތި މާހައުލެއް ޤާއިމުވެގެން ދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މިިނިސްޓްރީން ބުނެފައި ވެއެވެ.



