ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓްގެ ދަށުން ހއ. އިހަވަންދޫ ހޮސްޕިޓަލް އިމާރާތްކުރާ ބިން ސާފުކޮށްފިއެވެ.
އާރްޑީސީން މިކަން ހާމަކޮށްފައި ވަނީ ހަތަރު ރަށެއްގައި އެ ކުންފުނިން ހިންގަމުން އަންނަ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރަމުންނެވެ.
އެގޮތުން އާރްޑީސީން ރޭ ކުރި ޕޯސްޓެއްގައި ބުނީ އެ ކޯޕަރޭޝަނުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ހއ. އިހަވަންދޫގައި އިމާރާތްކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން ސާފުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
އަދި އެ ކޯޕަރޭޝަނުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ގއ. ވިލިނގިލި ކައުންސިލްގެ އެދުމުގެ މަތިން އެ ރަށު ދެކުނު އަވަށު ކުޅި ކައިރީގައި ވޯލް ފައުންޑޭޝަން ކޮންކްރީޓްގެ މަސައްކަތާއި ބަނދަރުގައި ބެންޗް ޖެހުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ.
ހަމައެހެންމެ އެ ކޯޕަރޭޝަނުގެ ޕަބްލިކްސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގދ.ގައްދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ވަށައިގެން ބައުންޑަރީ ފެންސް ޖެހުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެއެވެ.
މީގެ އިތުރުން އެ ކޯޕަރޭޝަނުގެ އިޖްތިމާޢީ ޒިންމާގެ ދަށުން ނ. ހޮޅުދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގައި ކޭބަލް ޖަންކްޝަން ބެހެެއްޓުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް އާރްޑީސީން ބުނެފައި ވެއެވެ.



