ކައުންސިލުތަކަށް ސަރުކާރުން ދޭ ހިލޭ އެހީގެ ފައިސާ ރަށުގެ ބޮޑުމިނަށް ބަލައިގެން ދޭ ގޮތަށް ބަދަލުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މިކަން އިއުލާނު ކުރައްވަމުން ރައީސް މުޢިއްޒު ”އެކްސް“ ގައި ރޭގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ ދޭން ކަނޑައަޅާފައިވާ ފިސްކަލް ފޯމިއުލާގައިވާ ގޮތުން އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދު ކަމަށެވެ.
ނަމަވެސް އެ ރަށްރަށުގެ އާބާދީ ކުޑަވިޔަސް، ބިން ތަނަވަސް ރަށްތަކުގައި މުނިސިޕަލް މަސައްކަތްތައް މަދު ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ދިވެހިރާއްޖެހޭ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން، ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ (ބްލޮކް ގްރާންޓް) ދިނުމުގެ ފިސްކަލް ފޯމިއުލާ މިހާރު އޮންނަގޮތުން އާބާދީ ކުޑަ ރަށްރަށުގެ ކައުންސިލްތަކަށް ގެއްލުންވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން ފިސްކަލް ފޯމިއުލާ އޮތް ގޮތުން އެ ކައުންސިލުތަކަށް ގެއްލުންވާތީ އެ ފޯމިއުލާ މުރާޖާކުރަން ނިންމާފައިވާ ކަމަށާއި އެ ފޯމިއުލާ މުރާޖާކުރާއިރު އެހީގެ ފައިސާ ދިނުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރާ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި 2026 ވަނަ އަހަރުގެ ބަޖެޓު މި ބަދަލާ އެކު ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.



