އައު ގޭންގް ގާނޫނުގެ ދަށުން، މާލޭގައި ނުރައްކާތެރި ކުށްކުރުމުގައި އުޅޭ ގްރޫޕެއްގެ ސޭފް ހައުސް ރޭއިޑްކޮށް، އެތަނުން މާރާމާރީ ހިންގުމަށް ބޭނުން ކުރާ ބައެއް އާލާތްތަކާ އެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން މި އޮޕަރޭޝަން ހިންގާފައިވަނީ މިމަހުގެ 3 ވީ ބުދަ ދުވަހުގައެވެ.
އެގޮތުން މި އޮޕަރޭޝަންގައި ފުލުހުން ރެއިޑް ކޮށްފައިވަނީ ހެންވޭރުގައި ހުންނަ ގެއެކެވެ. އެ ގެ ބަލައި ފާސްކޮށްފައި ވަނީ، އެ ގެއެއަށް ނުރައްކާތެރި ހަތިޔާރު ޖަމާކޮށް، ނުރައްކާތެރި ކުށްތައް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ކަމުގައި ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެ ގެ ބަލައި ފާސް ކުރުމުގެ ތެރޭގައި ތޫނު ހަތިޔާރު ފެނިފައިވާ ކަމަށާއި އަދި އެ މައްސަލާގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ އަހްމަދު ނަވާޒު (30އ.) މއ. މޯނިންގްވިޔު، އިބްރާހީމް ޒައިދާން (22އ.) މއ. މޯނިންގްވިޔު އަދި މުހައްމަދު ޝިދާދު (22އ.) ބަށިމާގެ ލ. މާބައިދޫ އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަހްމަދު ނަވާޒު 30 ދުވަހަށް، އިބްރާހީމް ޒައިދާން އާއި މުހައްމަދު ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ. މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމުގައި ފުލުހުން ބުނެފައިވެއެވެ.



