ޖަޕާނުގައި ކިޔަވަމުން ދަނިކޮށް މިދިޔަ މަހު ނިޔާވި، ފޮރިން މިނިސްޓްރީގެ މުވައްޒަފު ބ. ތުޅާދޫ ކާނިމާގެ / ލުޖައިނާ ތަސްނީމާ (29އ.) ގެ ހަށިގަނޑު ރާއްޖެ ގެނެސްފި މިއަދު ޖަނާޒާ ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
މިދިޔަ މަހު ލުޖައިނާ ނިޔާވިއިރު، އޭނާ ހުރީ ޖަޕާނުގައި މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށް ރާއްޖެ އައުމަށް ތައްޔާރުވަމުންނެވެ. އޭނާ ޖަޕާނުގައި ކިޔަވަމުން ދިޔައީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.
އެނގިފައިވާ ގޮތުގައި، ލުޖައިނާގެ އާއިލާއަށް އޭނާގެ ހަބަރެއް ނުވެ ދެ ދުވަސް ވުމާ ގުޅިގެން، ޖަޕާނުގައި ދިރިއުޅޭ ރަހުމަތްތެރިއަކު އޭނާ ދިރިއުޅޭ ގެއަށް ބަލަން ފޮނުވާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުގައެވެ. ނަމަވެސް ދޮރުގައި އެވަރަށް ތެޅުމުން ވެސް ދޮރު ނުހުޅުވުމުން، ޖަޕާނު ފުލުހުން ގެނެސްގެން ބެލިއިރު، ލުޖައިނާ ފެނުނީ ނިޔާވެފައި އޮއްވައެވެ.
މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި ލުޖައިނާގެ މަރަކީ ގުދުރަތީ މަރެކެވެ.
ލުޖައިނާގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ މިއަދުގެ މެންދުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގައެވެ.




