ގައި ކެހުމަކީ އާންމު ކަމެކެވެ. މާބޮޑަށް ހިރުވަންޏާ ހަންގަނޑު ހަލާކުވާ ވަރަށް ވެސް ކެހުމަކީ، ބައެއް ފަހަރު ކުރެވޭ ކަމެކެވެ.
ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.
އެމެރިކަން އެކަޑަމީ އޮފް ޑަރމަޓޮލޮޖީގައި ޑރ. ހަސަން ގަލަދާރީ ވަނީ މިކަމާ ބެހޭ ގޮތުން ލަފާ ދެއްވާފައެވެ.
ހަމުގައި ނަގައި އެކި ފާޑުގެ ބިއްސާއި ފޮޅު އަދި ގައިންގަޔަށް އަރާ ބަލިތަކުގެ ސަބަބުން ވެސް، ގައި ކަހަން މެދުވެރިވެދާނެކަން ފާހަގަކުރައްވަމުން ޑރ. ހަސަން ވިދާޅުވީ، ކަހާތަން ނުހިރުވައި އެހެން ގޮތަކުން ހައްލު ހޯދާ ނަމަ ފަރުވާއަށް ފަސޭހަވާނެ ކަމަށެވެ.
އެގޮތުން ޑރ. ހަސަން ދެއްވާފައިވާ ބައެއް ލަފާތަކަކީ:
° މެންތޯލް ކެލަމިން ފަދަ އެއްޗެއް އުނގުޅައިގެން ފިނިކޮށްލުން. ނުވަތަ އުނގުޅަން ގެންގުޅޭ މޮއިސްޗުރައިޒަރ އައިސްއަލަމާރީގައި ބަހައްޓައި ފިނިކޮށްލައިގެން އުނގުޅުން.
° ކަހާ ތަނުގައި ތެތް ފޮތިގަނޑެއް ނުވަތަ އައިސް ޕެކެއް އަޅައި 10 ވަރަކަށް މިނެޓް ނުވަތަ ކެހުން ހުއްޓެންދެން ބޭއްވުން. އޯޓްމީލް ބޭނުންކޮށްގެން ފެންވެރުމުން ވެސް ލުއި ލިބޭނެ ކަމަށް ބުނެފައިވޭ.
° ކެމިކަލް ނުހުންނަ އަދި މީރު ވަސް ދުއްވަން އެއްޗެހި ނާޅައި ހުންނަ މޮއިސްޗަރައިޒާއެއް އުނގުޅުން.
° ތާފަނާ ފެނުން ފެންވެރުމަކީ ވެސް ލުއި ލިބޭނެ. ނަމަވެސް ހޫނު ފެނުން ފެން ނުވެރުމަށް ޑރ. ހަސަން އިރުޝާދު ދޭ. އަދި ފެންވަރަން 10 މިނެޓަށް ވުރެ ގިނައިރު ހޭދަ ނުކުރުމަށްވެސް ބުނެފައިވޭ.
° ގިނައިން ސައިބޯނި ލުމަކީ ވެސް ގޯހެއް. އަދި ވަސް ހުންނަ ލޯޝަން ވެސް ބޭނުން ކުރުން ރަނގަޅެއް ނޫން.
° ދޫކޮށް ހުންނަ ހެދުން ލުމާއި ގޭތެރޭގެ ފިނިހޫނުމިން އެކަށީގެންވާ ވަރެއްގައި ބެހެއްޓުން މުހިންމު.



