ރާއްޖޭގެ ކޮންމެ ދަރިވަރަކީ ދިވެހިވަންތަ އިސްލާމީ ސިފަތަކުން ސިފަ ލިބިގެންވާ ދަރިވަރަކަށްވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އަހަރީ އިނާމު ދިނުމުގެ ރަސްމިއްޔާތު މިއަދު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މެޑަމް ސާޖިދާ، އަހްމަދިއްޔާ ސްކޫލް ސިފަ ކުރެއްވީ މާނަފުން ތާރީޚެއް އޮތް، ގިނަ ބަޔަކު އެކުވެގެން އިންދި ތަޢުލީމި ގަހެއްގެ ގޮތުގައެވެ. އެ ގަހުން މިއަދު ދިވެހި ޤައުމަށް ފޮނިމޭވާ ލިބެމުންދާ ކަމަށާއި ޤައުމީ ފެންވަރުގައި ފަޚުރުވެރިވަނަތައް ހޯދާ ދަރިވަރުން ގިނަ ސްކޫލެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
އެގޮތުން މެޑަމް ސާޖިދާ ވިދާޅުވީ ތަޢުލީމަކީ ލިބިގެންވާ ބޮޑު ނިޢުމަތެއް އަދި ޒިންމާއެއް ކަމަށާއި ތަޢުލީމު ހާސިލްކުރުމަކީ ނިމުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި ތަޢުލީމު ލިބިގަތުމުގައި ދެމިތިބުމަށް ދަރިވަރުންނަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން ކޮންމެ ކުއްޖަކީވެސް ނަފުސަށް ތެދުވެރި، ދީންވެރި ޤައުމަށް ވަފާތެރި ކުއްޖަކަށްވާންވާނެ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
”ކޮންމެ ކުއްޖަކުވެސް އަމިއްލަ ނަފުސަށް ތެދުވެރިވުން މުހިންމު. ކޮންމެ ކުއްޖަކު މާތްވެގެންވާ އިސްލާމްދީނަށް ކަމޭހިތުން މުހިންމު. ކޮންމެ ކުއްޖަކު ދިވެހި ޤައުމަށް ވަފާތެރިވުން މުހިންމު. ކޮންމެ ކުއްޖަކީވެސް އަޚްލާގު ރަނގަޅު، މަސައްކަތްތެރި ހީވާގި އަދި ރާއްޖެއާއި ދުނިޔެއަށް ލޯ ހުޅުވިފައިވާ މުސްލިމް ދިވެއްސަކަށްވުން މުހިންމު،“ ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.




