މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ބޭނުންވާ ޑޮލަރު، ޓޫރިޒަމް ސިނާއަތުން ހޯދޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވިދާޅުވީ، އެ ކުންފުނިން ހިދުމަތްތައް ފޯރުކޮށްދޭއިރު، ތެޔޮ ގަތުން ފަދަ ކަންކަމަށް އަހަރަކު ގާތްގަނޑަކަށް 25 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
މަތީން ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ކުންފުނީގެ ޖުމްލަ ހަރަދަށް އެބައި އިތުރުވަމުންދާ ކަމަށެވެ. ނަމަވެސް ހިދުމަތްތަކުން ނަގާ އަގު ބޮޑުކޮށްގެން އެ ބައި ނުހޯދޭކަން ވެސް މަތީން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އެމްޑަބްލިޔުއެސްސީގެ ބޯޑުން މަޝްވަރާކޮށް، ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން މަތީން ހާމަކުރެއްވިއެވެ.
”އަޅުގަނޑުމެންގެ ކަސްޓަމަރުންގެ ތެރޭގައި އެބަތިބި ޑޮލަރުން އާންމްދަނީ ލިބޭ ފަރާތްތައް. މިސާލަކަށް ޓުއަރިޒަމް ފެސިލިޓީ. މާފުއްޓަށް ބެލިއަސް، މާލެއަށް ބެލިއަސް. އަޅުގަނޑުމެން ދިރާސާ އެބަ ހަދަން އޭގަ އެ ފަރާތްތަކާ އެކު އެގްރީމަންޓަކަށް ދެވިދާނެތޯ. އެބޭފުޅުން ޑޮލަރުން ޕޭމަންޓް ހަދަން. ކިތަންމެ ކުޑަމިންވަރެއްވިޔަސް އެކަމުން އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ،“ ފެންކުންފުނީގެ އެމްޑީ ނަތީން ވިދާޅުވިއެވެ.



