މާދަމާ ރޭ ހަމދުކޭތަ ހިފާތީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާފު ކުރުމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
މާދަމާ ރޭ ހަނދުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން ރޭގަނޑު 8:28 ގައެވެ. ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ އެ ރޭގެ 11:11 ގައެވެ. އަދި ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގައެވެ.
އެ މިނިސްޓްރީން މިއަދު ރަށްރަށުގެ ކައުންސިލުތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ މާދަމާ ރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ނަމާދު އޮންނާނީ ކޮންމެ ރަށެއްގައި ވެސް ހުންނަ އެންމެ ބޮޑު މިސްކިތުގައި ކަމަށެވެ.
”ވީމާ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި 2025 ސެޕްޓެމްބަރު 7 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 11:12 ގައި ކޭތަނަމާދު ކުރެވޭނެ އިންތިޒާމު ތިޔަ ކައުންސިލްގެ އިދާރާއިން ހަމަޖައްސައިދެއްވުން އެދެން“ އިސްލާމިކް މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބުނެފައިވެއެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކޭތަ ނަމާދުގެ ހުތުބާ މިނިސްޓްރީގެ ވެބްސައިޓަށް މާދަމާ އަޕްލޯޑްކުރާނެއެވެ.
އިރާއި ދުނިޔެ އާއި ހަނދު އޮލަނބުވެ ދުނިޔޭގެ ހިޔަނިން ހަނދު ފޮރުވިގެންދާ ކޭތަ ހިފާއިރު އާދީއްތަ ދުވަހުގެ ރޭ ލޭކުލައިން ހަނދު ފެވިގެންދާ ގޮތަށް ވެސް ބައެއް ހިސާބުތަކަށް ފެންނާނެއެވެ. މިއީ އެތައް ހާސް އަހަރެއްގެ ތެރޭގައި ވެސް އަލުން ނުފެންނާނެ ހާލަތެކެވެ.
ރާއްޖެއަށް ބަލާއިރު ހުރިހާ ހިސާބަކަށް ވެސް ފުރިހަމަ ހަނދުކޭތަ އެ ރޭ ފެންނާނެ އެވެ. އެކަމަކު މާލެ ސަރަހައްދުގައި ވިލާ 81 ޕަސެންޓަށް ހުންނާނެ ކަމަށާއި ކުޑަކޮށް ވާރޭ ވެހުން ވެސް އެކަށީގެންވާ ކަމަށް ލަފާކުރެވެ އެވެ. ރާއްޖޭގެ އުތުރު ސަރަހައްދުގައި 83 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ބެލެވޭއިރު ދެކުނުގައި 70 ޕަސެންޓަށް ވިލާ ހުންނާނެ ކަމަށް ވެސް ލަފާކުރެވެއެވެ.


