ރަށުގެ ބޮޑު މިނަށް ބަލައިގެން ބަޖެޓު ކަނޑައަޅާ ގޮތަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ކައުންސިލްތަކުން ހުށަހަޅުއްވާ ކަންކަމަށް، އަމަލީ ސިފަ ގެނެސްދެއްވާކަމުގެ ހެއްކެއް ކަމުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ހަރުދަނާވެ، ކައުންސިލްތަކުން ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރު ކުރެވޭނީ މާލީގޮތުން ކައުންސިލްތައް ބާރުވެރިވެ، ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ އިތުރު ކުރެވޭނެ ވިސްނުންތަކެއް އުފަން ކުރެވިގެން ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ދެވޭނެ ހަކަތަ ކައުންސިލްތަކުގައި ހުންނަން ޖެހޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ކައުންސިލްތަކުގެ ބްލޮކް ގްރާންޓްގެ ގޮތުގައި ފައިސާ ދޭނެ މިންވަރު ކަނޑައެޅުމުގައި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބޮޑުމިނަށް ރިއާޔަތް ކުރެވޭނެ ގޮތަށް އުސޫލަށް ބަދަލު ގެންނެވުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާކަން ރޭގައި ވަނީ އިއުލާން ކުރައްވާފައެވެ.
މި ބަދަލުގެ ސަބަބުން، ކުރިން އާބާދީ ކުޑަ ރަށްތަކަށް ކުރިމަތިވި މާލީ ދަތިކަން ކުޑަވެ، މުނިސިޕަލް މަސައްކަތްތައް ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ.
ލާމަރުކަޒީ ޤާނޫނުގެ 79 ވަނަ މާއްދާގެ ދަށުން ކައުންސިލްތަކަށް ސަރުކާރުން ދޭ އާންމު ހިލޭ އެހީގެ ފައިސާ ނުވަތަ ބްލޮކް ގްރާންޓް ފޯރުކޮށްދޭ ފިސްކަލް ފޯމިއުލާގައިވާ ގޮތުން، އާބާދީ ކުޑަ ރަށްތަކަށް ލިބޭވަރު މަދުވުމުގެ ސަބަބުން، އާބާދީ ކުޑަ ނަމަވެސް، ބިމުގެ ގޮތުން ތަނަވަސް ރަށްތަކުގައި ކުރަންޖެހޭ މުނިސިޕަލް މަސައްކަތްތައް ގިނަކަން ފާހަގަކުރެވިފައިވެއެވެ.



