މިއަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1800އަށްވުރެ ގިނަ އެނދު ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަދަދާއެކު، ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު މިވަނީ 65،000 އަށްވުރެ މައްޗަށް އަރާފައެވެ.
އެ މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 63،248 ގައެވެ. އަދި މިހާރު މި އަދަދު ވަނީ 65،143 އަރާފައެވެ. އެހެންކަމުން މިއީ 1،895 އެނދުގެ އިތުރުވުމެކެވެ.
ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު 65،000 އަށްވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 43،247 އެނދާއި، ގެސްޓު ހައުސްތަކުގެ 15،494 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 3،918 އެނދުގެ އިތުރުން ހޮޓާތަކުގެ 2،484 އެނދެވެ.


