އައްޑޫ ސިޓީން ރޭ ދަންވަރު ކަރަންޓު ކެނޑުނީ މީހަކު ކޭބަލަކަށް ގެއްލުން ދޭން އުޅެނިކޮށް ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރޭ ދަންވަރު ގާތްގަނޑަކަށް 2:40 ހާއިރު ފެނަކަ ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ހިދުމަތް ކެނޑުނުކަން ސަމާލުކަމަށް އައި ކަމަށެވެ.
އެހެންވެ، ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތްކޮށް މަސައްލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި މުވައްޒަފުން ވަގުތުން ހަރަކާތްތެރިވި ކަމަށް އެ ބަޔާނުގައިވެއެވެ.
އައްޑޫ ސިޓީ ފެނަކައިގެ މުވައްޒަފުން ކުރި މަސައްކަތުން ރޭ ފަތިހު 5:55 ގައި މުޅި ސިޓީއަށް އަލުން ކަރަންޓު ދެވުނު ކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ފެނަކައިން ބުނެފައިވަނީ، އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމަށްޓަކައި ބެލިބެލުމުން ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ އައްޑޫގެ 41 ނަންބަރު ސަބްސަޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި ސެންޓްްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުގެ ސަބަބުންކަން ދެނެގަނެވުނު ކަމަށެވެ.
ފެނަކައިގެ ބަޔާނުގައި ވަނީ އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަމުންގެންދާނެ ކަމަށެވެ. އަދި އެފަދަ އަމަލުތަކަކީ އެ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމުގެ އިތުރުން އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމާއި އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިވާ ފަރާތްތަކުގެ ހަށިގަނޑަށާއި ފުރާނަޔަށް ނުރައްކާވެދާނެފަދަ ކަންކަން ކަމަށްވުމުން އެކަން ނުކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.



