ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ޤައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި އެޤައުމުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ.
ބްރެޒިލްގެ މިނިވަން ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައީސްގެ އިތުރުން ސަރުކާރަށާއި ރައްޔިތުންނަށް ފޮނުއްވާފައެވެ.
ބްރެޒިލްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 40 އަހަރުވާން ގާތްވެފައިވާކަން ފާހަގަކުރައްވާ ރައީސް މުޢިއްޒު ވިދާޅުވީ ދެ ޤައުމަށްވެސް ފައިދާ ހުރިކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.
ރާއްޖެއާއި ބްރެޒިލްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ޤާއިމުކުރީ 1988 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.
ބްރެޒިލްގެ މިނިވަން ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. މިނިވަން ދުވަސް ފާހަގަކުރަނީ ޕޯޗުގީޒުންނާއި ބްރެޒިލްއާ އެކު ހަދާފައިވާ ”ޔުނައިޓެޑް ކިންގްޑަމް އޮފް ޕޯޗުގަލް، ބްރެޒިލް އެންޑް އަލްގާވެސް“ ދައުލަތުން ވަކިވެ، ވަކި ދައުލަތެއްގެ ގޮތުގައި ބްރެޒިލް އުފެދި މިނިވަންކަން އިޢުލާންކުރި ދުވަހާ ގުޅުވައިގެންނެވެ.


