މިދިޔަ މަހު މެދު ތެރޭ މާލޭގައި ގްރޫޕެއް ވެގެން ބިދޭސީއަކު ރަހީނުކޮށް، ފައިސާތަކެއް ފޭރުނު މައްސަލައެއްގައި އިތުރު ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މިއީ މި މައްސަލާގައި ހައްޔަރު ކުރި ތިން ވަނަ ބިދޭސީ މީހާއެވެ.
މި މައްސަލާގައި މިދިޔަ ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އުމުރުން 28 އަހަރުގެ ބަންގަލަދޭޝްގެ ފިރިހެނެއް ކަމަށްވާ، އެމްޑީ އަލާލުއްދީން ހިރިޑޯއީ އެވެ. އޭނާގެ ބަންދަށް އިއްޔެ ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
އޭނާގެ ބަންދު އަމުރުން އެނގޭ ގޮތުގައި ހައްޔަރު ކުރި މީހާގެ މައްޗަށް ކުރަނީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފެހެއްޓުމުގެ ތުހުމަތެވެ. އެ ތުހުމަތަށް ކޯޓުގައި އޭނާ ވަނީ އިންކާރު ކޮށްފައެވެ.
މިއީ ގިނަ ބަޔަކު ބައިވެރިވެގެން އަނިޔާވެރިކަން ހިމެނޭ ގޮތަށް ހިންގާފައިވާ އަމަލެއް ކަމަށް ފުލުހުން ހުށަހެޅި ލިޔުންތަކުގައި ފާހަގަކޮށްފައިވެއެވެ.
”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ، މިއީ މިދިޔަ މަހު 15ގައި މައްޗަންގޮޅި ގެސްޓްހުއުސްއެް ތެރޭ ހިނގި ހާދިސާއެއް ކަމަށެވެ. އަދި އެ ގެސްޓްހައުސް ތެރޭގައި ރަހީނުކޮށްފައިވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއްވިއެވެ. އޭނާއަށް އަނިޔާކޮށް ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފޭރިގެންފައެވެ.




