ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގިނަ ޚިދުމަތްތަކެެއް ކޮށްދެއްވި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަލްމަރްހޫމް މުޙައްމަދު އުމަރު މަނިކު (އެމްޔޫ) މަނިކުގެ ހަނދާނުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

މިދިޔަ ހަފްތާގައި ސިންގަޕޫރުގައި އަވަހާރަވި އެމްޔޫ މަނިކުގެ ހަނދާނުގައި ހުޅުވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
މަޓީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9 އިން ހަވީރު 5އަށް ދަފްތަރުގައި ސޮއި ކުރެވޭނެއެވެ.
ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރުން އޮންނާނީ މަޓީގެ އޮފީސް ހުންނަ ފަސްމީރު ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައެވެ.
އުމުރުފުޅުން 78 އަހަރުގައި އަވަހާރަވި އެމްޔޫ މަނިކަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޗެއާމަންކަމާއި މަޓީގެ ޗެއާމަންކަން ވެސް ކުރެއްވި އިސް ވިޔަފާރިވެރިއެކެވެ.
އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެތައް ގިނަގުނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.


