ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިއޮނޭޓަލް ނަރސަސް ކޮންފަރެންސް ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ކޮންފަރެންސް ކުރިއަށް ގެންދަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިންތިޒާމުކޮށްގެންނެވެ.
މި ކޮންފަރެންސް ކުރިއަށްދާނީ މި މަހުގެ 10 އަދި 11 ވަނަ ދުވަހުގެ ނިޔަލަށް ކަަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން ހާމަކުރެއެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނީ ރާއްޖޭގައި އަލަށް ކުރިއަށްގެންދާ މި ކޮންފަރެންސްގައި ރާއްޖޭގެ ހުރިހާ ރީޖަނަލް ހޮސްޕިޓަލްތަކެއްގެ އެންއައިސީޔޫގެ ނަރުހުން ބައިވެރިވާނެ ކަމަށެވެ.
އެގޮތުން މި ކޮންފަރެންސްގައި ރީޖަނަލް ހޮސްޕިޓަލްތަކުގެ އެންއައިސީޔޫގައި މަސައްކަތްކުރާ ނަރުހުންގެ ތެރެއިން 2 ނަރުހަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެއެވެ.
މި ކޮންފަރެންސްގައި ދިރާސީ ކަރުދާސް ހުށައެޅުމަށް ހުޅުވާލާފައި ވާއިރު ކަރުދާސް ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި 5 ކަރުދާހެއް ހުށައަޅާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކުރެއެވެ.
މީގެ އިތުރުން މި ކޮންފަރެންސްގައި މަޢުލޫމާތު ދިނުމަށް ހަަމަޖެހިފައި ވަނީ ކުޑަކުދިންގެ ހިތުގެ ޚާއްސަ ޑޮކްޓަރުން، ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރުން ހިމެނޭހެން ދުވަސް ނުފުރާ ވިހާ ކުދިންގެ ލޮލުގެ މައްސަލަތައް ދެނެގަތުމާއި ގުޅޭގޮތުން ލޮލުގެ ޚާއްސަ ޑޮކްޓަރު ހިމެނޭގޮތަށް ޑޮކްޓަރުންގެ ޓީމަކުންނެވެ.




