ސްރީލަންކާގައި މިހާރު ކުރިއަށްދާ “ސައުތު އޭޝިއަން ސުޕަރ ކަޕް 2025“ ގައި ބައިވެރިވާ ދިވެހިރާއްޖޭގެ ޤައުމީ ޓީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޯނުން ގުޅުއްވާ މަރުޙަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ފޯނުން ގުޅުއްވާ މި މުބާރާތުގައި އިއްޔެ ކުޅުނު މެޗުން ޤައުމީ ޓީމް ހޯދި ކާމިޔާބީއަށް ވަނީ މަރުހަބާ ވިދާޅުވެފައެވެ.
އަދި ކުރިއަށް އޮތް މެޗްތަކުގައި ކާމިޔާބީ ހޯދުމަށް ހިތްވަރާއިއެކު މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ހަމައެހެންމެ ފުޓްބޯޅައިގައި ދިވެހި ޤައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް ޤައުމީ ޖޯޝާއެކު މަސައްކަތް ކުރެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ޤައުމީ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ ރައީސް މުޢިއްޒު ޓީމަށް ގުޅުއްވާ މަރުހަބާ ވިދާޅުވުމަކީ ޓީމަށް ލިބުނު އިތުރު އުފަލަކާ ހިތްވަރެއް ކަމަށެވެ.
މީގެ އިތުރުން ރައީސް އެދިވަޑައިގެންނެވިގޮތަށް ދިވެހި ފުޓްބޯޅައަށާއި ރައްޔިތުންނަށްޓަކައި ފުޓްބޯޅައަށް ރީތިނަން ހޯދައިދިނުމަށް ކުރިއަށް އޮތް މެޗްގައި އިތުރަށް ހިތްވަރުކޮށް، ޓީމްގެ އުއްމީދަކީ ތަށި ކާމިޔާބުކުރުން ކަމަށްވެސް ކޯޗް މުހައްމަދު ޝިޔާޒު ވިދާޅުވިއެވެ.




