ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތަކަށް މި ހަފުތާ ތެރޭ މީހުން ވެއްދުމުގެ މަސައްކަތް ފަށާނެކަމަށް އެ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4،000 ފުލެޓުގެ ތެރެއިން ސޮއިކުރަން ތާވަލުކޮށް މިހާތަނަށް 2،955 މީހުން ވަނީ އެގްރިމެންޓުގައި ސޮއި ކޮށްފައެވެ.
އެފްޑީސީން ކުރިން ބުނި ގޮތުގައި، އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ފުލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރުކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެންނެވެ.
ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަ ލައި، ފާޚާނާ ތައްޓާއި މޫނު ދޮންނަ ތަށި ވެސް ހަރުކޮށްފައި ހުންނާނެ ކަމަށް އެފްޑީސީން ކުރިން ބުނެފައިވެއެވެ.
އެފްޑީސީގެ މެނޭޖިންގް ޑިރެކްޓަރ ހަމްދާން ޝަކީލް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، އެ ކޯޕަރޭޝަނުން މަސައްކަތް ކުރަނީ މި ހަފްތާ ތެރޭގައި އެ ފްލެޓުތަކުގެ އަޅުދަނޑި ހަވާލުކުރަން ފެށުމަށް ކަމަށެވެ.



