ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިޝާރާތް ބަސް ނުވަތަ ސައިން ލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ އިސްނެގުމުގެ މަތިން އެމްްއެންޔޫ އާއެކު ކުރި މަސައްކަތްތަކުގެ ތެރެއިން އެ ޔުނިވާސިޓީއިން ފަށާ ކޯހެކެވެ.
އެގޮތުން ސައިން ލޭންގުއޭޖް ސެޓްފިކެޓް ލެވެލް 3 ގެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ޤައުމީ ޔުނިވާސިޓީން ވަނީ ހުޅުވާލާފައެވެ. މުޅިއަކު 6 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޯހުގައި 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ޖީސީއޯލެވެލް ހަދާފައިވާ އަދި ސެޓްފިކެޓް ލެވެލް 2 ފުރިހަމަކޮށްފައިވާ ކޮންމެ ފަރާތަކަށް ވެސް ކުރިމަތިލެވޭނެއެވެ.
އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ.
އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުއާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި ސައިން ލޭންގުއޭޖުން މުއާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



