ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމަށް ދެ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަނު ކުރައްވައިފިއެވެ.
މިކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައި ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަނު ކުރައްވާފައިވަނީ، މ. ޕޮޕީ، މުޙައްމަދު ޝަފީޤް މަޙްމޫދް އާއި ސ. ހުޅުދޫ، ސީބްރީޒް އަޙްމަދު މަޤުސޫމް އެވެ.
އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން، ދެ ބޭފުޅުންނަށް ކޮމިޝަނުގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިއުމަން ރައިޓްސް ކޮމިޝަނަށް އަލަށް ޢައްޔަންކުރެއްވި ދެ މެންބަރުންނާ، އެ މަޤާމަށް އައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރައްވާފައެވެ.




