ދިވެހިރާއްޖޭގެ އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް ޗައިނާގެ ފުޖިއަން ފިޝަރީޒް އިންސްޓިޓިއުޓްއާއި ރާއްޖޭގެ މެރިން ރިސާޗް އިންސްޓިޓިއުޓްއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.
މި އެއްބަސްވުމުގައި މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޝިމާލްއެވެ.
”މި ފަހުމުނާމާގެ މައިގަނޑު މަޤްޞަދަކީ އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެންމެ ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކޮށް، ތިމާވެއްޓާ ރައްޓެހި އަދި ކާބަން ބޭނުންކުރުން މަދުކޮށް ކަނޑުގެ އިޤްތިޞާދު ތަރައްޤީކޮށް އެކުއާކަލްޗަރ ދާއިރާއާއި ގުޅޭ ދިރާސާތައް ކުރިއަށްގެންދިއުން“ މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ މި ފަހުމުނާމާގެ ދަށުން ހިންގާ މަސައްކަތްތަކަކީ ދެމެހެއްޓެނިވިގޮތެއްގައި އެކުއާކަލްޗަރ ދާއިރާ ތަރައްގީކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ މެދުގައި ޢިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.



