ސަޢުދީ އަރަބިއްޔާގެ އިސްލާމިކް ޔުނިވާސިޓީން ރާއްޖެއަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފައިވާ ކަމަށެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު އިސްލާމީ މަރުކަޒުގައެވެ.
މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ޑރ. ޞާލިޙް ބިން ސުލައިމާން އަލް ޢަރަޖާއެވެ. މިނިސްޓްރީގެ ފަރާތުން އެ ފޮތްތަކާއި ހަވާލުވެލެއްވީ އިސްލާމި މިިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އަޅުގަނޑުމެންގެ އަޚްވަންތަ ދެ ޤައުމުގެ ގުޅުން ރަމްޒުކޮށްދޭ މުހިއްމު ކަމެއް ކަމަށެވެ.
”މިއީ ދިވެހިރާއްޖޭގެ ޢިލްމު އުނގެނޭ ދަރިވަރުންނާއި ދިރާސާކުރާ ފަރާތްތަކަށް ޚިދުމަތް ކުރުމަށާއި، ޢިލްމާއި މަޢުރިފާ އާލާކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެތް“ މިނިސްޓަރު ވިދާޅުވިއެވެ.
އިމާމް މުޙައްމަދު ބިން ސަޢޫދު އިސްލާމިކް ޔުނިވަރސިޓީއަށާއި، އެ ޔުނިވާރސިޓީގެ ފަރާތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް ޢަރަބިކް ސައިންސްއިން މި އަގުހުރި ހަދިޔާއަށްޓަކައި މިނިސްޓަރު ވަނީ ޝުކުރުދަންނަވާފައެވެ.
ހަމައެހެންމެ ސަޢުދީ ސަރުކާރުން ދިވެހިރާއްޖެއާއި މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްއަށާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނަށް އަދި ސަޢުދީ ސަރުކާރަށާއި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގެ އިސްވެރިންނަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަޙްޔާ ހަސަން އަލްޤަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ޞާލިޙް ބިން ސިލައިމާން އަލް ޢަރަޖާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން އެ ޔުނިވާސިޓީގެ ފަރާތުން ވެދެއްވި ދީލަތި އެހީގެ އަގުވަޒަން ކުރައްވާ ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ވަނީ ހާއްސަ ހަނދާނީ ލިޔުމެއް އެ ޔުނިވާސިޓީއަށް އަރުވާފައެވެ.



