އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިނޭންސް މިނިސްޓްރީ ކުރިމަތީގައި މިއަދު އިހްތިޖާޖްކޮށް، އެ މިނިސްޓްރީގެ އިމާރާތަށް ވަންނަން އުޅެނިކޮށް އެކަމަށް ފުލުހުން ހުރަސްއެޅުމުން، އެ މައްސަލަ ހޫނުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ފިނޭންސް މިނިސްޓްރީއަށް މިއަދު ގޮސްފައިވަނީ، މިނިސްޓަރު މޫސާ ޒަމީރާއި ބައްދަލު ކުރުމަށް ކަމަށް ވިދާޅުވެއެވެ. ނަމަވެސް ފުލުހުން އެ މެންބަރުން މިނިސްޓްރީގެ ތެރެއަށް ވަނަނުދީ ހުއްޓުވި ކަމަށް މެންބަރުން ވިދާޅުވެފައިވެއެވެ.
ފުލުހުން ހުރަސްއަޅަމުން ދަނިކޮށް ބައެއް މެންބަރުން ވަނީ މިނިސްޓްރީގެ ތެރެއަށް ގަދަކަމުން ވަދެގެންފައެވެ. މަޖިލިސް މެންބަރުން މިނިސްޓްރީއަށް ވަދެ މައުލޫމާތު ސާފުކުރުމުން، މިނިސްޓަރު ޒަމީރު މިވަގުތު ރާއްޖޭގައި ނޫޅުއްވާ ކަން އެނގުނެވެ. ނަމަވެސް، އެ މެންބަރުން ވަނީ މިނިސްޓްރީގެ އިސް ފަރާތްތަކާ ބައްދަލުކުރަން ޑިމާންޑްކޮށްފައެވެ.
ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވި ގޮތުގައި މިނިސްޓަރު ފެންވަރުގެ ބޭފުޅަކު ނުވަތަ އެޑްވައިޒަރަކު އެ މެންބަރުންނާ ބައްދަލު ކުރައްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.



