އާންމު ތަންތަން ދިއްލަން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.
ރައީސް މިކަންހާމަކުރައްވާފައި ވަނީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ޖެނުއަރީ 1، 2026 އިން ފެށިގެން، ރާއްޖޭގެ ހުރިހާ ސިޓިތަކާއި ރަށްރަށުގައި މަގުތަކާއި އާއްމު ތަންތަން ދިއްލަން ކައުންސިލްތަކަށް ފެނަކަ/ސްޓެލްކޯ އިން ބިލް ކުރާނީ ޑޮމެސްޓިކް ރޭޓުން ކަމަށެވެ.
”ނަތީޖާއެއްގެ ގޮތުން މުނިސިޕަލް އެހެން ހިދުމަތްތަކަށް ހަރަދު ކުރަން ލިބޭ އަދަދު ބޮޑުވެގެންދާނެ“ ކަމަށް ރައީސް ވިދާޅުވިއެވެ.
އާންމު ތަންތަން ދިއްލަން ކައުންސިލްތަކަށް ޑޮމެސްޓިކް ރޭޓުން ބިލްކުރާގޮތަށް ރައީސް ހަމަޖައްސަވާފައިވާއިރު، އެ މަނިކުފާނު ވަނީ މިސްކިތްތަކުގެ ކަރަންޓް ބިލް ވެސް ޑޮމެސްޓިކް ރޭޓުން ބިލް ކުރާ ގޮތަށް މިދިޔަ އަހަރު ހަމަޖައްސަވާފައެވެ.
މިއީ ކައުންސިލްތަކުން ކުރާ ހަރަދު އިގްތިސާދު ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ.



