ހިންމަފުށީގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ވަދެ، ޚާއްސަ އޮޕަރޭޝަނެއް އެތަނުގައި ފަށައިފިއެވެ.
އެތަނުގައި ފުލުހުން ހަރަކާތްތެރި ވަމުންދާކަން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެއީ ކޮން ސަބަބަކާހެދި ހިންގާ ހަރަކާތެއްކަން ހާމަކުރައްވާފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުގައި ފުލުހުން ހަރަކާތްތެރިވަމުން ދަނީ، އެ ސެންޓަރުގައި ގެންގުޅުން މަނާ ބައެއް ތަކެތި އެތަނުގައި ގެންގުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ.
ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސައިން ވިދާޅުވީ ޝައްކެއް ނުކުރެވޭ ހާލަތުގައި ވެސް، އެންޑީއޭގެ ދަށުގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުތަކާއި އެހެން ތަންތަނުގައި ވެސް ދޭތެރެއަކުން އޮޕަރޭޝަން ހިންގާ ކަމަށެވެ.
ނަމަވެސް މިއަދު އޮޕަރޭޝަން ކުރިއަށް ދަނީ ސެންޓަރަށް ފޯނު ވައްދައިގެން ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމުގައި ލުބްނާ ވިދާޅުވެފައިވެއެވެ.



