އަނބިމީހާއާއި ލޯބީގެ ގުޅުން ބޭއްވި މީހަކަށް ހަމަލާދިން ފިރިހެނަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަނބިމީހާއާއެކު ސިއްރުން ގުޅުން ބާއްވާ ކަމަށް ބުނެ ފިރިހެނަކަށް ހަމަލާދިފައިވަނީ މާލޭން އުތުރުގެ ރަށަކަށް ނިސްބަތްވާ މީހެކެވެ.
މި ފިރިހެން މީހާ، އޭނާގެ އަންހެނުންގެ ސިއްރު ލޯބިވެރިޔާ ކަމަށް ބުނާ މީހާއަށް ހަމަލާދީފައިވަނީ މާލޭ، ވެލާނާގޭ ކައިރީ ޕާކިން ޒޯން ސަރަހައްދުގައެވެ.
މި މައްސަލައިގައި ދައުލަތުން އެ މީހާގެ މައްޗަށް އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުން ނިންމި މި މައްސަލައިގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި އެ ފިރިހެން މީހާއަށް ހަމަލާދީފައިވަނީ މި އަހަރުގެ މެއި މަހުގެ ދުވަހެއްގައި، މެންދުރެއްހާއިރުއެވެ.
މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު ފިރިހެން މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. ކުށަށް އިއުތިރާފުވެ، ޝަރީއަތުގައި އޭނާ ބުނެފައިވަނީ އޭނާގެ އަންހެނުންނާ ގުޅުން ބޭއްވުމުގެ އިތުރުން އެ ފިރިހެން މީހާ އޭނާއަށް ބުލީކޮށް އެކި ފަހަރުމަތިން ފުރައްސާރަކޮށް ހަދާފައިވާ ކަމަށެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި މި މީހާގެ މައްޗަށް އެފަދަ މައްސަލައެއްގައި ކުރިންވެސް އަދަބު ދީފައިވެއެވެ.
ކްރިމިނަލް ކޯޓުން، މި މަހުގެ ދެވަނަ ދުވަހު ނިންމި މި ފަހަރުގެ މައްސަލައިގައި އެ މީހާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި 11 ދުވަހުގެ ޖަލު ހުކުމެވެ.




