ދިވެހިރާއްޖޭގެ އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރިއްޔާއިން ފޯރުކޮށްދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ 119 ވަނަ އަހަރީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުވާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ފޯރުކޮށްދީފަައިވާ ކަމަށެވެ.
“މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވޭ“ ރައީސްގެ ޕޯސްޓުގައި ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރުގެ ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން އަރިސްކުރައްވާފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވީ 1906 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޖެންސީ ޕޯސްޓް އޮފީސް ޤާއިމުކޮށްފައި ވަނީ 1994 ވަނަ އަހަރުއެވެ.




