ރައްޔިތުންގެ ހިޔާލު ހޯދަން ނަގައި، ފެންނަ ނުފެންނަ ވޯޓުގެ ބިލު ދިރާސާކުރަން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން، އިލެކްޝަންދް ކޮމިޝަން (އީސީ) އިން ބޭނުންނަމަ، ފެންނަ ނުފެންނަ ވޯޓު އަވަސްކުރެވޭހެން އެ ބިލު ފާސްކޮށްފިއެވެ.
މި ބިލު ފާސްކުރީ، ބިލަށް އިސްލާހުތަކެއް ގެނައުމަށްފަހު މިއަދުގެ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެގޮތުން ކޮމިޓީން މި ބިލަށް ގެނެސްފައިވާ އިސްލާހުތަކަކީ:
° ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް، އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް ބުނާ މާއްދާ ބަދަލުކޮށް، 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިޚްތިޔާރު އީސީ އަށް ދިނުން
° މިފަދަ ވޯޓެއް ފާސްވާނީ ސައްހަ ވޯޓުގެ 50 އިންސައްތަ އަށްވުރެ އިތުރަށް ވޯޓު ލިބިގެން ކަމަށް ބުނާ މާއްދާއެއް ވެސް އިތުރުކުރުން
° ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެ މާއްދާއެއް އިތުރުކުރުން
ސަރުކާރުން ވަނީ އަތޮޅު ކައުންސިލްތައް އުވާލާއި، ކައުންސިލްތަކުގެ ސައިޒް ކުޑަކޮށް، ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލަން ނިންމާފައެވެ.
އެހެންކަމުން ދެ އިންތިޚާބު އެއްކޮށްލާއިރު މަޖިލީހުގެ ދައުރު ކުރުކޮށްލަން ޖެހޭތީ އާންމުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހެއެވެ.



