ކ. ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށްދާ އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ގުޅީ ބިންހިއްކުމުގެ މަސައްކަތުގެ ދަށުން ހިއްކަން ހަމަޖެހިފައިވާ 10.15 ހެކްޓަރ މިހާރުވަނީ ހިއްކާ ނިމިފައި ކަމަށާއި މިހާރު ކުރިއަށް ދަނީ އެ މަޝްރޫއުގައި މަސައްކަތުގެ ތެރޭގައި ހިމެނޭ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.
އެމްޓީސީސީން ބުނީ، ގުޅީ ގޮނޑުދޮށް ހިމާތްކުރުމުގެ މަޝްރޫއުގެ ދަށުން 940 މީޓަރުގެ ހިލަ ރިވެޓްމަންޓް ޖެހުމާއި 362 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މިހާތަނަށް ގްރޮއިންސް ޖެހުމުގެ މަސައްކަތުގެ %88 އަދި ޖިއޯބޭގް ރިވެޓްމަންޓު ޖެހުމުގެ މަސައްކަތުގެ %48 ނިމިފައިވާ ކަމަށާއި މުޅި މަސައްކަތުގެ %88 ނިމިފައިވާ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ މާރޗު މަހުގައެވެ. މިމަޝްރޫއާއެކު ގުޅީ ބިން 2 ގުނައަށް ބޮޑުވެގެންދާނެއެވެ.



