ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއިން އަމީން އެވެނިއުގެ އެޕާޓްމެންޓެއްގެ ގަތް ކަމަށްބުނާ މައްސަލައިގައި، އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ދިފާއުކޮށްދޭން ވަކީލެއް ހޯދަން ވަރަށް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް އަދި ވަކީލެއް ހަމަ ނުޖެހޭ ކަމަށް ބައްސާމް މިއަދު ވިދާޅުވެއްޖެއެވެ.
އަމީން އެވެނިއު މައްސަލައިގައި ދައުލަތުން ބައްސާމްގެ މައްޗަށް އުފުލި ދައުވާގެ ޝަރީއަތް މިހާރު ހިނގަމުންދާއިރު، މި މައްސަލައިގައި ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް އޭނާގެ މައްޗަށްވަނީ އުފުލާފައެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ބައްސާމް ވިދާޅުވީ ވަކީލަކު ހޯދަން އަދި ދުވަސްކޮޅެއް ލިބުމަށް އެދިލައްވާ ކަމަށެވެ.
އެހެންނަމަވެސް، މި މައްސަލައަކީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުން ޝަރީއަތުން މިއަދު ނިންމީ، ވަކީލެއް ނެތް ނަމަވެސް މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. އެގޮތަށް ނިންމައި މިއަދުވަނީ އެ މައްސަލައިގެ އިބުތިދާއީ މަރުހަލާ ފަށާފައެވެ.
އިބުތިދާއީ މަރުހަލާގެ މިއަދުގެ އަޑުއެހުން ނިންމާލީ، ވަކީލަކު އައްޔަންކުރަން ބައްސާމަށް 10 ދުވަސް ދީފައެވެ.
ޝަރީއަތުން އެންގީ 10 ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެހުނަސް، ނުޖެހުނަސް މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، ދެން އޮންނަ އަޑު އެހުން މި މަހު ފަހުކޮޅު ބާއްވާނެކަމާއި، އެ ދުވަހު ޖަވާބުދާރީ ވާންޖެހޭނެ ކަމަށް ޝަރީއަތުން އެންގިއެވެ.




