ކުދި ވިޔަފާރިތައް ރާއްޖެއާއި ރާއްޖެއިންބޭރުގެ މާކެޓްތަކާގުޅުވައިދީ ބާރުވެރިކުރުމުގައި މޯލްޑިވްސް ޕޯސްޓް އިން ރަސްމީކޮށް ހިދުމަތްދޭން ފެށިތާ، މިއަދު މިވަނީ 119 އަހަރު ފުރިފައެވެ.
ރަސްމީކޮށް ޕޯސްޓް ހިދުމަތް ދޭން ފެށިތާ 119 އަހަރު މިއަދު ފާހަގަކުރާއިރު، ޕޯސްޓްގެ ހިދުމަތަކީ އޭގެ ކުރިންވެސް ދެމުންގޮސްފައިވާ ހިދުމަތެއްކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ޕޯސްޓްގެ ހިދުމަތް ފެށިގެންއައިއިރު ފުރަތަމަ ބޭނުންކޮށްފައިވަނީ ސިލޯނުގެ ސްޓޭމްޕެއްގައި މޯލްޑިވްސް ޖަހައިގެންނެވެ. އަދި އަމިއްލަ ސްޓެމްޕެއް ތައްޔާރުކޮށް ބޭނުންކުރަން ފަށާފައިވަނީ 1909 ވަނަ އަހަރުއެވެ. މި ސްޓޭމްޕަކީ ހުކުރު މިސްކިތު މުންނާރާއި އަރަބި އިބާރާތެއް ހިމަނައިގެން ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ. މި ސްޓޭމްޕަކީ ތާރީހާއި ޘަގާފަތް ރަމްޒުކޮށްދޭ ފިލަޓެލިކް އުފެއްދުއްތަށް ފެށުމުގެ ރަމްޒެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ދިވެހިރާއްޖެއަކީ1967 ވަނަ އަހަރުން ފެށިގެން ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަންގެ މެމްބަރު ޤައުމެކެވެ. މޯލްޑިވްސް ޕޯސްޓް ވެގެންގޮސްފައިވަނީ ބައިނަލްއަޤުވާމީ ޕޯސްޓަލް ސިސްޓަމްގައި ޚިދުމަތްދޭ ދިވެހިރާއްޖޭގެ ޑެސިގްނޭޓެޑް އޮޕަރޭޓަރުގެ އިތުރުން އީ.އެމް.އެސް ކޯޕަރޭޓިވް މެމްބަރަށެވެ. އީ.އެމް.އެސް. ނުވަތަ އެކްސްޕްރެސް މެއިލް ސަރވިސްއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް، ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި އެހެނިހެން ފަރާތްތަކުންވެސް ލިޔެކިޔުމާއި ތަކެތި ފޮނުވުމަށާއި ލިބިގަތުމަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު، އިތުބާރު ހޯދާފައިވާ ޙާއްސަ އަވަސް ޚިދުމަތެކެވެ.
ސަރުކާރުގެ %100 ހިއްސާވާ ކުންފުންނެއްގެ ގޮތުގައި 1994 ވަނަ އަހަރު މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އުފެދިގެން ގޮސްފައިވާއިރު، ކުދި ވިޔަފާރިތައް ރާއްޖެއާއި ރާއްޖެއިންބޭރުގެ މާކެޓްތަކާގުޅުވައިދީ، ބާރުވެރިކުރުމުގައި ޕޯސްޓުން އަދާކުރާ ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން އީޓުކުރި ލޯކަލް ޕްލެޓްފޯމަކީ ވިޔަފާރި ކުރައްވާފަރާތްތަކާއި ރާއްޖެއާއި ދުނިޔޭގެ މާކެޓްތަކާއި ގުޅުވާލާދީފައިވާ ޕްލެޓްފޯމެކެވެ.
މިގޮތުން މި ޕްލެޓްފޯމްގެ ކޮމިއުނިޓީ އޮންލައިން ޝޮޕްތަކަކީ ސީދާ ދިވެހި އުފެއްދުންތެރިންނާއި ހުނަރުވެރިންގެ އުފެއްދުންތަކަށް ހާއްސަ ބައެއްކަން ފާހަގަކޮށްލެވެއެވެ. އަދި އީޓުކުރި އިންޓަނޭޝަނަލްއަކީ ރާއްޖެއިންބޭރުން ތަކެތި ބައްލަވާގަންނަވާ ފަރާތްތަކަށް އެތަކެތި ރާއްޖެއަށް ގެނައުމަށްޓަކައި ވަރަށް ފުރިހަމަ ހައްލެއް ގެނެސްދީފައިވާ ޕްލެޓްފޯމެކެވެ.
ގަރުނަކަށްވުރެ ދިގު މަޒީގައި ޕޯސްޓްގެ ޚިދުމަތް ފުޅާވެގެން ގޮސްފައިވާއިރު، މި ޚިދުމަތަކީ ޒަމާނީ އަދި އިޖާދީ ގޮތެއްގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްވެސް، އެއްރަށް އަނެއްރަށާއި އަދި ދުނިޔޭގެ ކަންކޮޅުތަކާ ގުޅުވާލަދީފައިވާ ވިޔަފާރިއާއި އަމިއްލަ ފަރުދުންގެ ބައިވެރިއެކެވެ. ޕޯސްޓްގެ ޚިދުމަތަކީ ދިވެހިރާއްޖޭގެ ކުރިއެރުމާއި މުވާސަލާތާއި އިޤްތިސާދު ކުރިއެރުވުމުގައި ވަރަށް ފުޅާ ދައުރެއް އަދާކޮށްފައިވާ އަދި އަދާ ކުރަމުންދާ އެއް ހިއްސާދާރެވެ.



