ނޭޕާލްގައި ތިބި ދިވެހިން މި ވަގުތު ޒަރޫރީ ނޫން ދަތުރުތައް ނުކުރަން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.
ފޮރިން މިނިސްޓްރީން މިރޭ ވަނީ ނޭޕާލުގައި މިވަގުތު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެ ޤައުމުގެ މަޝްރަޙު އާންމު ހާލަތަށް އަނބުރާ ރުޖޫޢަވަންދެން، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުކުރަން އެދިފައެވެ.
އަދި މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި މި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ވަނީ ހަނދާންކޮށްދީފައެވެ.
މީގެއިތުރުން، ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކަރފިއު އިޢުލާންކޮށްފައިވާތީ، މި ދަނޑިވަޅުގައި ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއްދީ ޒަރޫރީ ބޭނުންތަކަށް ނޫނީ މަގުމައްޗަށް ނުނިކުތުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
”ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މި މިނިސްޓްރީން މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން“ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.
ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެޤައުމުގައި ތިބި ދިވެހިރައްޔިތުންގެ ކަންކަން ވަރަށް ގާތުން ފޮރިން މިނިސްޓްރީން ބަލަމުން ގެންދާ ކަމަށާއި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާ ގުޅުމަށް ވަނީ އެދިފައެވެ.
ގުޅޭނެ ނަންބަރު: 919910040786+
ފޮރިން މިނިސްޓްރީގެ ހޮޓްލައިން ނަންބަރު: 7983400



