އަމިއްލަ ފަރާތްތަކުން މިސްކިތް ބިނާކޮށް ނިންމަން 2 އަހަރަށްވުރެ ގިނަ ދުވަސް ނުދޭން ސަރުކާރުން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާ ކަމަށެވެ.
އެހެންކަމުން މިކަމުގެ ސަބަބުން ރައްޔިތުން ނަމާދު ކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާތީވެ، ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލު ހޯދުމަށްޓަކައި މިނިސްޓްރީން އިން ސިޔާސަތުތަކެއް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެގޮތުން މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް 2 އަހަރަށް ވުރެ ގިނަ މުއްދަތު ނުދޭން މިނިސްޓްރީން ވަނީ ނިންމާފައެވެ.
އަދި ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކުރުމާއެކު މި މުއްދަތުގައި މަސައްކަތް ނުފަށައިފިނަމަ ބިން އަތުލަން މިނިސްޓްރީން ވަނީ ނިންމާފައެވެ.
ހަމައެހެންމެެ އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގަން އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައެވެ.
މީގެ އިތުރުން އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރުމަށާއި މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ޙަވާލުކުރުމަށް މިނިސްޓްރީން ވަނީ އެ އުސޫލުގައި ނިންމާފައެވެ.
މީގެ އިތުރުން މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރަން މިނިސްޓްރީން ވަނީ އެދިފައެވެ.


