ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން މިއަދު ވިދާޅުވީ އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން 1 (އެކެއް) މެންބަރެއްގެ ދައުރު ހަމަވާތީ އެ ކޮމިޝަނަށް މެންބަރަކު ޢައްޔަން ކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.
މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 22 ސެޕްޓެމްބަރު 2025 ވާ ހޯމަ ދުވަހުގެ 12:00 އެވެ.




