އިސްރާއީލުން ޤަޠަރަށް ދީފައިވާ ހަމަލާއަކީ އެ ޤައުމުގެ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑިއަމަލެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިހެން ބުނެފައި ވަނީ ހަމާސްގެ ލީޑަޝިޕްގެ އެކި ފަރާތްތަކަށް އަމާޒުކޮށް ކަމަށްބުނެ އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއަށް އިޝާރާތްކޮށެވެ.
އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އިސްރާއީލުން ޤަޠަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާ ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
އިސްރާއީލުން ޤަޠަރަށް ދީފައިވާ މި ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނާއި މުޅިންހިލާފު އަދި ޤަޠަރުގެ ސަލާމަތާއި، ސިޔާދަތީ މިނިވަންކަމަށް އަރައިގަތުމުގެ ފިނޑިއަމަލެއް ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން ބުނީ އިސްރާއީލުގެ އެފަދަ ޣައިރު ޤާނޫނީ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގެ ހަމަޖެހުން ޤާއިމުކުރުމަށް ކުރެވޭ މަސައްކަތަށް އިތުރަށް ހުރަސްއެޅި މަސްރަހު އިތުރަށް ހޫނުވެ އެ ސަރަޙައްދުގައި ސުލްޙަވެރި ޙައްލެއް ހޯދުމަށް ކުރާ މަސައްކަތްތަކަށް އިތުރު ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
”ދިވެހިރާއްޖެއިން ޤަޠަރުގެ ސަރުކާރާއި ރައްޔިތުންނާއެކު ސާބިތުކަންމަތީ ދެމިތިބޭނެ، ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް، އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށާއި، ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަން“ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



