އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ސިއްހީ ދާއިރާގެ ހުރިހާ ޚިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.
އެކަމަނާ މިކަމަށް ގޮވާލެއްވީ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އުފަންވާ ކުދިންގެ ސިއްހަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވަނީ، ރާއްޖޭގައި އުފަންވާ ކުދިންގެ ސިއްހަތާބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ ތާރީޚީ ލިއުންތަކުން ހާމަވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރުވެސް މިދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާކަން ފާހަގަކުރައްވައި، ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން ބޭނުންވާކަން، އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އެކި ދާއިރާތަކުން ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތައް ފާހަގަކުރައްވަމުން، އެކަމަނާ ވިދާޅުވީ ސިއްހީ ދާއިރާގައި އިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ޚާއްސަކޮށް ފާހަގަކުރެއްވޭ ކަމަށެވެ.
މީގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ޚާއްސަކޮށް ތަޢާރަފުކުރެވިފައިވާ ޓެކްނޮލޮޖީ ހުރިކަން ފާހަގަކުރައްވައި، މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޛުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މިއަދުގެ ކޮންފަރެންސްގެ މައުޟޫޢަކީ ކޮންމެ ދިވެއްސެއްގެ ހަޔާތާ ގުޅިފައިވާ މައުޟޫއެއްކަން ފާހަގަކުރައްވައި އެކަމަނާ ވަނީ ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ދެދުވަހަށް ކުރިއަށްގެންދާ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.




