ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މި މަހު ފިޔަވަޅު އަޅަން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާ ބެހޭ ގޮތުން އެ މިނިސްޓްރީން ކޮށްފައިވާ ޢިއުލާނުގައި ވާގޮތުން ވަޒީފާއާބެހޭ ޤާނޫނުގެ 8ވަނަ އިސްލާޙުގައިވާ ގޮތުގެ މަތިން، ޤާނޫނުގެ 7-65 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކާއި، ޚާއްސަކޮށް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެ ފަރާތާމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތައް -/50،000 (ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
އަދި 7-65 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ޤާނޫނުގެ 8-65ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރާ ގޮތުގެ މަތިން -/100،000 (އެއްލައްކަ) ރުފިޔާއަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.
އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން، އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް އެ މާއްދާތަކުގައި ބަޔާންކުރާ ފިޔަވަޅުތައް ތަންފީޛު ކުރަމުންދާނެ ކަމަށް މިނިސްޓްރީން ކުރި ޢިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ޚަލާސް ކުރުމުންނޫނީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ޚިދުމަތެއް ފޯރުކޮށް ނުދޭނެ ކަމަށެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން 2023 ވަނަ އަހަރު ފެށި މަސައްކަތުގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ ބަޔޯ މެޓްރިކްސްނަގައި، އެކްސްޕެޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ބިދޭސީންނާއި ގުޅުންހުރި އެކި ކަންކަމުގައި ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި، ރާއްޖޭގައި އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.


