އިސްރާއީލުގެ އަސްކަރިއްޔާއިން ޤަތަރުގެ ވެރިރަށް، ދޯހާއަށް އިއްޔެގެ ވަގުތެއްގައި ދިން ޓެރަރިސްޓް ހަމަލާއަކީ ނާކާމިޔާބު ހަމަލާއެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ހަމާސްގެ އިސް އޮފިޝަލަކާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ހަމާސްގެ ލީޑަރުން ގަތަރުގައި ތިއްބާ ދިން އެ ހަމަލާގައި ހަމާސްގެ ލީޑަޝިޕް ވަފުދުގެ އިސްބޭފުޅުން ވަނީ ސަލާމަތްވެފައެވެ.
އިސްރާއީލުން އެ ހަމަލާ އަމާޒުކޮށްފައި ވަނީ ޙަމާސްގެ ފަރާތުން މަޝްވަރާތަކުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޚަލީލް އަލް-ޙައްޔާ ޝަހީދުކޮށްލުމަށެވެ.
ފަލަސްތީނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލުން ދޯހާއަށް ދިން ވައިގެ ހަމަލާގައި ލީޑަޝިޕްގެ އިސް ބޭފުޅަކު ޝަހީދުވެފައެއް ނުވެއެވެ. ނަމަވެސް އިތުރު ފަސް މީހަކު ވަނީ ޝަހީދުވެފައެވެ.
އޭގެ ތެރޭގައި ހަށިފާރަވެރިންގެ 3 މީހުންނާއި ޚަލީލް އަލް ހައްޔާގެ ދަރިފުޅު ހުމާމް އަލް-ހައްޔާ، އާއި އަލް-ހައްޔާ އޮފީހުގެ ޑިރެކްޓަރު ޖިހާދް ލަބާބް ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ހަމަލާގައި ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުވެފައެއް ނުވެއެވެ.
މީގެ އިތުރުން އިއްޔެގެ ހަމަލާއަށްފަހު ހަމާސް ޖަމާއަތުން ބުނީ އެ ޖަމާއަތުގެ ލީޑަރުން ތިބީ ހެޔޮހާލުގައި ކަމަށެވެ.



