”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު“ އަށް އެޓާނީ ޖެނެރަލްގެ އޮފީހުން އިސްލާހު ހުށަހަޅައިފިއެވެ.
މި ބިލަކީ ރަޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅާފައިވާ ބިލެކެވެ.
އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އަންނަނީ އެ ބިލާމެދު ނުރުހުން ފާޅުކުރަމުންނެވެ.
އޭޖީ އޮފީހުން އެ ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އިންތިހާބުކުރެވޭ މެންބަރުންގެ މެންބަރުކަމުގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެނަމަ، އެ މެންބަރަކު މެންބަރުކަމުން ވަކިކުރުމުގެ އިހުތިޔާރު އެ މެންބަރުން އިންތިހާބުކުރުމަށް ވޯޓު ދިން ފަރާތްތަކަށް ލިބިދިނުމަށްޓަކައި، ބިލުގެ 28 ވަނަ މާއްދާ ވަނީ އިސްލާހުކުރަން ހުށަހަޅާފައެވެ.
ބިލުގެ 7 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި އިސްލާމްދީނާ ޚިލާފު ވާހަކަތައް ފެތުރުމާއި، އަޚުލާޤީގޮތުން ދަށު ދަރަޖައިގެ ވާހަކަތަކާއި، ފާޙިޝް ޢަމަލުތަކަށް ހިތްވަރުދޭ ވާހަކަތައް ފެތުރުން ހުއްޓުވުމަށްޓަކައި، ކުރަންޖެހޭ މަސައްކަތްތައް ކުރަން ވަނީ އިސްލާހު ހުށަހަޅާފައެވެ.
ހަމައެހެންމެ ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައްޔާއި، އަދި ކޮމިޝަނުގެ ރައީސް އައްޔަނުކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނުހިމެނޭގޮތަށް ބިލުގެ 17 ވަނަ މާއްދާއާއި، 19 ވަނަ މާއްދާއާއި، 20 ވަނަ މާއްދާ އިސްލާހުކުރުމަށް ވެސް އޭޖީ އޮފީހުން ވަނީ ހުށަހަޅާފައެވެ.
ސުލޫކީ ހަމަތަކުގެ ތެރޭގައި ތެދު މައުލޫމާތު ހާމަކުރުމުގެ އިތުރުން، އިންސާފުވެރިކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ހަބަރާއި މައުލޫމާތު ގެނެސްދިނުން ހިމެނުމަށްވެސް ވަނީ އިސްލާހު ހުށަހަޅާފައެވެ.
އަދި މީހުންގެ އަމިއްލަ މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކުގެ ތެރޭގައި، އެކި ފަރާތްތަކުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާގެ ތެރެއަށް ނުޙައްޤުން ވަދެގެން ނުވާނެކަމަށް އޮތް އޮތުން ބަދަލުކޮށް، އެފަދަ މައުލޫމާތެއް ނިސްބަތްވާ ފަރާތުގެ އަމިއްލަ މިނިވަންކަމުގެ ދާއިރާއަށް އިހުތިރާމްކުރުމަކީ މައުލޫމާތު ހާމަކުރުމުގެ މިންގަނޑު ކަމުގައި ހިމެނުމަށްވެސް އޭޖީ އޮފީހުން ވަނީ އިސްލާހު ހުށަހަޅާފައެވެ.
މީގެ އިތުރުން މީޑިއާއިން ގެނެސްދޭ މަޢުލޫމާތާއި ކޮންޓެންޓުގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި، ރާއްޖޭގައި ހިންގާ މީޑިއާތަކުގެ އެޑިޓަރުންނަކީ ކޮމިޝަނުން ކަނޑައަޅާ ޝަރުޠުތަކެއް ފުރިހަމަވާ ބައެއްކަމުގައި ހަމަޖެއްސުމަށްވެސް އެ ބިލަށް މާއްދާއެއް އިތުރުކުރަން ވަނީ އިސްލާހު ހުށަހަޅައިފއެވެ.




