ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށަފަައިވާ 4000 ފްލެޓުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު ތަޅުދަނޑި ހަވާލުކުރަން އެކުންފުނީގެ ޕޯޓަލް އަދި އެސްއެމްއެސް މެދުވެރިކޮށް ތާވަލުކުރެވޭނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ވަނީ މާދަމާއިން ފެށިގެން 14ވަނަ ޓަވަރުގެ ޔުނިޓުތަކުގެ ތަޅުދަނޑިހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ. އެގޮތުން، ފަހި ޕޯޓަލް މެދުވެރިކޮށް އެ މަސައްކަތް ފަށައި ފްލެޓް ހަވާލުކުރެވޭ ފަރާތްތަކަށް އަންގަމުންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން އެފްޑީސީން ބުނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ހައުސިން ޔުނިޓް ހަވާލުކުރުމަށް ހަމަޖެހިފަވަނީ ނިމިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެތެރެއިން 14ވަނަ ޓަވަރުކަމަށެވެ.


