ފުލުހުން ހިންގަމުންދިޔަ އޮޕަރޭޝަންގެ ފޮޓޯއެއް ނެގި މައްސަލައެއްގައި އެމްޑީޕީގެ ޤައުމީ މަޖިލިސް މެންބަރު އަދި ކުރީގެ ނޫސްވެރިޔާ ހުސެއިން ހަސަން ރޭގައި ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ރޭގައި ވިދާޅުވެފައިވަނީ ހުސެއިން ހަސަން ފުލުހުންގެ ބެލުގެދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެރީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް އޭނާ ވަދެ، ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވުމުން އެކަމާ ޖަދަލުކޮށް ފުލުހުންގެ އެންގުމާ ހިލާފަށް އެ ސީންތެރެއަށް ވަދެ ހެކީގެ ފޮޓޯ ނަގަން މަސައްކަތް ކޮށްފައިވުމުން، އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމުގެ ތުހުމަތުގައި ކަމަށެވެ.
ހުސެއިން ހަސަން ހައްޔަރު ކޮށްފައިވަނީ ސިޔާސީ ގޮތުން ކަމުގައިބުނެ އިދިކޮޅު އެމްޑީޕީން ދަނީ އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ.
އާންމުތަންތާގައި ފޮޓޯ/ވީޑިއޯ ނެގުމަކީ، ރާއްޖޭގެ ގާނޫނުތަކުން މަނާކަމެއް ނޫނެވެ. އަދި އެ ފޮޓޯއެއް/ވީޑީއޯ ޑިލީޓް ކުރުމުގެ އެނގުމުގެ ބާރެއް ވެސް ފުލުހުންނަށް ލިބިގެންވެއެވެ.
ހުސެއިން ހަސަން ހައްޔަރު ކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކުރިކަމަށާއި އޭނާއަށް އަނިޔާކުރި ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.



