ގއ. ކަނޑުހުޅުދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ކަނޑުހުޅުދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވީ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި، ބޭންކުގެ އިސްވެރިން އަދި އެރަށު ކައުންސިލުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކަނޑުހުޅުދޫގައި އޭޓީއެމް ޚިދުމަތް ފައްޓަވައި ދެއްވުމުގެގޮތުން މިނިސްޓަރ މުއްޠަލުބް ވަނީ ރަމްޒީ ކާޑެއް ބޭނުން ކުރައްވައިގެން އެ އޭޓީއެމުން ފައިސާ ނަންގަވާފައެވެ.
ކަނޑުހުޅުދޫގައި ޤާއިމްކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.




