ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. ކަނޑުހުޅުދޫއާއި ކޮނޑޭގައި އޭޓީއެމްގެ ހިދުމަތް މިއަދު ފަށައި، އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި ހިދުމަތް ގާއިމް ކޮށްފިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކިން ހިދުމަތް ފަސޭހަކުރުމަށް އޭޓީއެމް ބެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ދެ ރަށުގައި މި ހިދުމަތް ފަށައިދެއްވާފައިވަނީ ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އެ ރަސްމިއްޔާތުގައި މިނިސްޓަރާއެކު ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަބްދުﷲ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
އަލަށް ބެހެއްޓި އޭޓީއެމް ސެންޓަރުތަކުން ފައިސާ ނެގުމާއި ޖަމާކުރުން ފަދަ އަސާސީ ބޭންކިން ހިދުމަތްތައް 24 ގަޑިއިރު ލިބޭނެ އެވެ. މި މަސައްކަތަކީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ފަސޭހައިން ވާސިލުވެވޭނެ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ބޭންކުން ހިންގާ ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ މަޝްރޫއުގެ ދަށުން ކުރި މަސައްކަތެކެވެ.




