ވަގު ސަނަދުތައް ހުށަހަޅާ މައްސަލަ ބޮޑުވެފައިވަނިކޮށް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ސެޓްފިކެޓްތަކުގައި ހަމައެކަނި އެތަނުން އެޓެސްޓުކުރާ ނުވަތަ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާގޮތަށް އުސޫލެއް އެކުލަވާލައިފިއެވެ.
ވަގު ސެޓްފިކެޓް ހުށަހަޅާ މައްސަލަ މިފަހުން ފެންމަތިވެ، އެފަދަ މައްސަލަތަކެއް ފުލުހުންވެސް ތަހުގީގު ކުރަމުންދާކަމަށް ބުނެފައިވެއެވެ.
އެމްކިއުއޭއިން ވަރަށް ފަހުން ބުނިގޮތުގައި ސައްހަ ނޫން ބެޗްލާސް ޑިގްރީ އާއި ދެ މާސްޓާސް ޑިގްރީ ސެޓްފިކެޓް ހުށަހެޅި މީހެއްގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެމްކިޔުއޭ އިން އިއްޔެ ގެޒެޓުކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި، މިފަދަ އުސޫލެއްގެ މަގުސަދަކީ އެމްކިޔުއޭއިން ދޫކޮށްފައިވާ އެކިއެކި ލިޔެކިޔުންތަކުގެ ކޮޕީ ގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި އެކަމާ ގުޅޭ އިޖުރާތުތައް އެކުލަވައިލުމުގެ އިތުރުން އަދި އެ އޮތޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ސައްހަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.
އެމްކިއުއޭގެ އުސޫލުގައި ބުނެފައިވާ ގޮތުގައި އެތަނުން ދޫކުރާ ލިޔުންތަކުގެ ތެރެއިން އެޓެސްޓުކޮށްދޭނީ:
° ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ
° އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ
° ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ
° ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ




