މާލެ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުންއައި ހުރިހާ ޚިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށަށް ބަދަލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ މިހާރު އެ ކައުންސިލްގެ ހުރިހާ ޚިދުމަތްތަކެއް ލިބެމުން ދާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި ހުންނަ، މާލެ ސިޓީގެ ހޯލުން ކަމަށެވެ.
މިކަމަށް އިޝާރާތްކޮށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މީގެ ކުރިން މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ނުވަ ޢިމާރާތަކުން ޚިދުމަތް ހޯދަންޖެހުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް، މި ބަދަލާއެކު ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
”ލޯތްބާއެކު، އުފަލުން ތިބެ، އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަޅުގަނޑު ފަށައިފައިވާ މަސައްކަތަށް މީގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ“ އާޒިމް ވިދާޅުވިއެވެ.
މޭޔަރު އާޒިމް ވިދާޅުވީ ނަތީޖާއަކަށް ވެގެންދާނީ، ރައްޔިތުން އެދޭ ފަދަ އަވަސް، އިޚުލާޞްތެރި ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ރައްޔިތުން، މާލެ ސިޓީ ކައުންސިލް ބަލައިގަތުން ކަމަށެވެ.
އަދި ރައްޔިތުން އުފަލުން ތިބެ ޚިދުމަތް ހޯދުމަށް އަންނަ ތަނަކަށް، މާލެ ސިޓީ ކައުންސިލް ބަދަލުވެގެން ދާނެ ކަމަށް މޭޔަރު ޢާޒިމް ވިދާޅުވިއެވެ.
މި ބަދަލާއެކު އެއްތަނަކުން ލިބެންފަށާ ޚިދުމަތްތަކުގެ ތެރޭގައި، ލޭންޑް އެންޑް ބިލްޑިން، ވައިޓަލް ރަޖިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސް، އެޑްމިން، ކައުންސިލް ބިއުރޯ، ފައިނޭންސް އަދި ރޯޑް މެނޭޖްމަންޓްގެ މަސައްކަތްތައް ހިމެނެއެވެ.
މާލޭގެ އެކި އަވަށްތަކުގައި ހުރި، ނުވަ ޢިމާރާތެއްގައި ހިނގަމުންދިޔަ މަސައްކަތްތައް، އެއް އޮފީހަކަށް ބަދަލުކުރުމުން، ޚަރަދު ކުޑަވެ، ދެވޭ ޚިދުމަތް އަވަސްވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުގެ އިތުރުން، ހިންގުމަށް ވެސް އިންގިލާބީ ހެޔޮ ބަދަލެއް އަންނާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަ ކުރެއެވެ.



