ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވި ވަޑައިގެންނެވި، ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ.
މި ބައްދަލުކުރެއްވުމުގައި މެޑަމް ސާޖިދާ ވަނީ، ނިޢުމާތު ޝަފީޤު، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރގެ މަޤާމަށް ހޮވިވަޑައިގަތުމުން މަރުޙަބާ ވިދާޅުވެފައެވެ.
އެ ކަމަނާގެ ވާހަކަފުޅުގައި، ރާއްޖެފަދަ ކުޑަ ގައުމެއް ތަމްސީލުކުރުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލު ކުރެއްވުމުގައި، ނިޢުމާތު ވަނީ މެޑަމް ސާޖިދާ ގާލް ގައިޑްގެ މަސައްކަތްތަކުގައި ހަރާކާތްތެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އަދި، ޗީފް ގައިޑުގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި މެންބަރުން ވަނީ ގާލް ގައިޑް ހަރަކާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި މެމްބަރުންވަނީ، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމާއި، ގައިޑްގެ ޙަރަކާތްތައް ހިންގުމަށް އެކަށީގެންވާ ކޭމްޕް ސައިޓެއްގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.



