ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން މެޑަމް ނަސްރީނާ އިބްރާޙީމް އާލާސްކަންފުޅެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންގެންދަވާ ކަމަށް ރައީސް މަޢުމޫނުގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި މިދިޔަ ހަފުތާ އިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި މެޑަމް ނަސްރީނާ އެޑްމިޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ކަމަނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެގޮތުން މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި އަޅާލުން ފާހަކުރައްވާ، އެ ބަޔާނުގައި ވަނީ އާއިލާގެ ފަރާތުން ޝުކުރު އަދާކުރައްވާފައެވެ.
މީގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުންނާއި އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮދުޢާއާއި މެސެޖުތަކުން އާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާކަން ހާމަކުރައްވާ އެކަމަށްޓަކާ އާއިލާގެ ފަރާތުން އެ ބަޔާނުގައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކުރީގެ ފަސްޓް ލޭޑީ މެޑަމް ނަސްރީނާ އިބްރާޙިމްގެ އުމުރުފުޅަކީ 75 އަހަރެވެ.


